

މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ޕާސްޕޯޓް ހިފަހައްޓާފައިވާ އެކަކު ރާއްޖޭން ފުރާފައިވާ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ. އެ ގެއަށް ވަނުމުގެ ކުރިން ޔުމްނު ހިމެނޭ ގޮތަށް ނުވަ މީހަކު ވަނީ މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅެފަ އެވެ.
އެ ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.
މި ވާހަކަތައް ދޮގުކޮށް ފުލުހުން ބުނީ މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއް ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގި ގޭގެ ފެންލައިޓުން މީހަކު ވެއްޓޭ ނަމަ ވެއްޓޭނީ އެ ދިމާއަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ފިރިހެނަކު ހިމެނެއެވެ. އަދި ފުލުހުން މި މައްސަލައިގައި އަމަލުކުރީ އެހެންޏާ އަމަލު ކުރާ އުސޫލުން ބޭރުން ކަމަށް ބުނެ، ފުލުހުންނަށާއި އަމީނަށް ވެސް ވަނީ ތުހުމަތުތަކެއް އަމާޒުވެފަ އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފަ އެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ނިމުނު ދެ ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ ކަމަށެވެ.
ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.