

އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލު ކުރިތާ ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ ހަވާލުކޮށްފި އެވެ.
މާލޭގެ އިމާރާތަކުން ދާދިފަހުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ މަގާމުން އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ.
ނަމަވެސް އޭގެ ބަރާބަރު ގަޑިއެއްގެއިރު ފަހުން 8:46 ގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކްޓިން ޕޮލިސް ކޮމިޝަރަކަށް ނަވީން އައްޔަނުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނާ، އިސްމާއިލް ނަވީންކަމަށް ވާތީ ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ،
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުރުމަށްފަހު އެ ނިންމުން ބަދަލުކޮށްފައި މިވަނީ އޭނާއާ އެ މަސްއޫލިއްޔަތު ހަވާލު ކުރުމުން އާންމުންގެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށާފައި ވަނިކޮށެވެ.
ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު އާ ހަވާލު ކުުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވީ އޭނާގެ ދަރިފުޅު އަންހެން ކުއްޖަކު ރޭޕުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ހެކި ނައްތާލިކަމަށް ފަރުހާދުގެ މައްޗަށް ތުހުމަތު އޭނާގެ ކުރެވިފައި އޮތުމުންނެވެ.
ޔުމްނުގެ މައްސަލާގެ ތަހުގީގުގައި ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ ހާދިސާ ހިނގިރޭ ޔުމްނުއާ އެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެރޭ ޔުމްނުއާ އެކު އުޅުނު މީހުން ފުރުން މަނާކޮށް، އެ މީހުންގެ ފޯނު ވަނީ ހިފަހައްޓައިފަ އެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ އެރޭ ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ.