

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
ޔުމްނު، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިން ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން ކުޑަކަމުދާތަކެތި ދޭން އިންކާރުކުރި ކަމަށެވެ. އެއީ އެ ރޭ ފަތިހު ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ދެ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. މިއީ ވެސް އާންމު އުސޫލާ ހިލާފަށް ފުލުހުން އެ މީހުންނަށް ދިން ފުރުސަތެއް ކަން ފާހަގަކޮށް އާންމުން ވަނީ ފާޑުކިޔައިފަ އެވެ.
އެ މައްސަލާގައި ޕީޖީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންވެ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކުޑަކަމުދާތަކެތި ދޭން އެންގުމުން އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
އޭގެ އިތުރުން، ޔުމްނުގެ މައްސަލަ ތަހުގީގުކުރާ އެއްވެސް ފުލުހަކު އިހުމާލުވެފައިވޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ޕީޖީ އޮފީހުން ވަނީ އަންގައިފަ އެވެ.
މި މައްސަލައިގެ ތަހުގީގު ގެންދިޔަ ގޮތާ މެދު އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މިރޭ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.