

ގ. ރަނައުރާގޭއާގޭ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ހިތްހަމަނުޖެހި، ޔުމްނު އަށް އިންސާފު ހޯދައި ދިނުމަށް ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ މިރޭ ވެސް ބޯ ވާރޭ ތެރޭގައި ކުރިއަށް އެބަ ދެއެވެ.
ހެންވޭރުގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރީ "ދުލެއް ނުކުރާނަން" ނަމުގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ސިލްސިލާކޮށް އިހުތިޖާޖުކުރާތާ މިއީ ހަތަރު ވަނަ ރެ އެވެ.
މި ރެއަކީ މާލެ އަށް ވަރަށް ބޯކޮށް ވިއްސާރަ ވެހެމުން އަންނަ މޫސުން ގޯސް ރެއެކެވެ. ނަމަވެސް، ވިއްސާރައިގެ ސަބަބުން މުޒާހަރާ ކުރިއަށް ނުގެންދާނެ ސަރުކާރަށް ހީވެފައި އޮތް ނަމަވެސް، މިރޭގެ މުޒާހަރާއަށް ހެންވޭރު ޕޮލިސްދޮށަށް ޒުވާނުން އެއްވީ ކުޑަހިފައިގެން ވިއްސާރަ ކޯޓު ލައިގެންނެވެ.
މުޒާހަރާ ފެށުމަށް ފަހު، މުޒާހަރާގެ ބައިވެރިން ވަނީ ވާރޭ ވެހުނަސް އިންސާފަށް ކުރާ މި މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ.
އެ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާއިރު ގިނަ ޑިމާންޑްތަކެއް ވެސް ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ.
އެ މީހުން ޑިމާންޑު ކުރަނީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ އިންސާފު ގާއިމްކޮށްދިނުމާއި، އިހުމާލުވީ ކަމަށް ތުހުމަތުވާ ސަރުކާރުގެ ސިޔާސީ މީހުން މަގާމުން އިސްތިއުފާ ދިނުމަށެވެ.
އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހިމެނެއެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.