ސީރިއަސް އެންޑް އޮގަނަޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް / ދައުރު
ހަބަރު
ސާމިހު ވަކިކުރަން ޔުމްނުގެ އާއިލާއިން ގޮވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 އޭޕްރީލު 2025
މާލެ ސިޓީ

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ މައްސަލައިގެ ތަހުގީގުން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކި ކުރަން ޔުމްނުގެ އާއިލާއިން މިއަދު ގޮވާލައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ޓެގްކޮށް، ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަގީގީ ބަދަލު ގެންނަން ދަތިވި ނަމަވެސް ކަންކަން އިސްލާހު ކުރަން ބޭނުންވާ ނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، މި ހާދިސާއާ ގުޅޭ ގޮތުން ސައްހަ ނޫން އަދި ކަށަވަރުނުވާ މައުލޫމާތުތައް ފުރަތަމަ ދިން ކަމަށް ބުނާ ސާމިހު ވަކިކުރަން ޖެހޭ ކަމަށެވެ.

ނިޒާމުގެ ތެރޭގައި ހުންނަވައިގެން ނިޒާމަށް ބަދަލު ގެނައުމަކީ އުނދަގޫ ކަމެއް. އެކަމަކު އާއިލާއާއެކު ބޭއްވި އެތަކެއް ބައްދަލުވުންތަކެއްގައި ދޮގު ހެދި ސާމިހު ވަކި ކުރުމަކީ ފެށުމަކަށްވާނެ

- ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން

ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ޔުމްނު، 21، ވެއްޓުނީ ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށެވެ. އެ މައްސަލާގައ،ި ޔުމްނުއާ އެކު ފެންޓެނޯއީގައި އުޅުުނު ރައުދު އަހުމަދު ޒިލާލް، 21، އާއި އެ ރޭ ދެން އުޅުނު މީހުންގެ މައްސަލަތައް ނުބަލާ ކަމުގެ ޝަކުވާ ބޮޑުވި ފަހުން ފުލުހުން ގެންދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެ މައްސަލައިގައި ހިމެނޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. އެއިރު ހާދިސާ ހިނގިތާ ހައެއްކަ ދުވަސް އޮތީ ފާއިތުވެފަ އެވެ. އެއިން ތަނަކުން ތަހުގީގަށް ބޭނުންވާ އެއްޗެއް ނުފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ސިޔާސީ ބައެއް ބޭފުޅުންގެ ނުފޫޒު އޮތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި އެރޭ ޔުމްނުއާއި ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި އިތުރު ބަޔަކު މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައިވާތީ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ނުވަ މީހުން ހިމެނޭ ގްރޫޕަކުން ހާދިސާ ހިނގި، މި މަހު 17 ވަނަ ދުވަހުގެ ރޭ ފުރަތަމަ ދިޔައީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅަށެވެ. އެ ގޭގައި "ޕާޓީކުރި" މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ހިމެނެއެވެ.

ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ. މީގެއިތުރުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. މި ދެ ފަރާތަކީ ވެސް އެރޭ ޕާޓީގައި ބައިވެރިވި ދެމީހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved