

މާލޭގެ ޓޭކްއަވޭ ތަނަކަށް ވަދެ ބިއްލޫރި ރެކު ތަޅާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ މުހައްމަދު ރަޒީން، 49، މ. ސްޓާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޓޭކްއަވޭ ތަނަަށް ވަދެ އެމީހާ ބިއްލޫރި ރެކެއް ތަޅާލާ ވީޑިއޯ ވަނީ މީސް މީޑިއާގައި އާންމުވެފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން ހައްޔަރުކުރީ އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ.