ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) / ޕޮލިސް
ހަބަރު
ޔުމްނު އިމާރާތަކުން ވެއްޓުން: ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 އޭޕްރީލު 2025
މާލެ ސިޓީ

މި މަހުގެ 18ވަނަ ދުވަހު ހެނދުނު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުއާއެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް 10 ދުވަސް މިއަދު ޖަހައިފިއެވެ.

ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ މިދިޔަ ހަފުތާގައި އޭނާ ހައްޔަރުކޮށް، ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.

ޔުމްނު ވެއްޓުނު އިރު، ހ. ފެންޓެނޯއީގޭގައި ޔުމްނުއާ އެކު އުޅުނީ ރައުދު އަހުމަދު ޒިލާލް، 21، އެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި "ހަމަނުޖެހުމެއް" ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.

ޔުމްނުގެ މައްސަލަ ތަހުގީގު ކުރަމުންދާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved