

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންގޮސް މާގިނަ ދުވަސްތަކެއް ހޭދަނުކޮށް ތަހުގީގުގެ ހުރިހާ މަސައްކަތެއް ނިންމާލާނެ ކަމުގައި މިމައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ މިނިވަންކޮށް ކަމަށާއި އޭނާގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކި މައްސަލަތައް ބެލުމަށް މީގެ ކުރިން ރާއްޖޭގައި އުފެއްދި ރިޔާސީ ކޮމިޝަންތަކުން ކުރި މަސައްކަތުގެ ނަތީޖާ ރައްޔިތުންނާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ.
އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް ވަރަށް މިނިވަންކަމާ އެކު މަސައްކަތް ގެންގޮސް، މި މައްސަލާގައި ރައްޔިތުން ބޭނުންވާ ގޮތަށް އިންސާފުވެރިކަމާ އެކު ދައުލަތުގެ މުއައްސަސާތަކުން ބެލޭނެކަން ކަށަވަރުކުރުން އަޅުގަނޑުމެންނަށް ކުރެވެން ޖެހޭނެކަން
ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ރޭ ވަނީ ބުނެފަ އެވެ.
މީގެކުރިންވެސް އެކި މައްސަލަތަކުގައި އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް އާންމުން އިތުބާރު ނުކުރާ މައްސަލައިގައި މުނައްވަރު ވިދާޅުވީ އެކަން ހިނގާފައިވަނީ އެގޮތަށް ކަމަށެވެ. އޭނާ އިސްވެ ހުންނަވާ ގޮތަށް އުފައްދަވާފައިވާ ކޮމިޝަންއަކީ ތަފާތު ކޮމިޝަނެއް ކަމަށް ނުދަންނަވާނެ ކަމަށާއި ނަމަވެސް ތަހުގީގަށް ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދައި މިނިވަންކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހު އެވެ.
އެ ކޮމިޝަންގައި ތިއްބަވަނީ މުނައްވަރުގެ އިތުރުން:
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ
އާމިނަތު އީނާސް، ހ. ހަބަރުގެ
ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
ޔުމްނު ހ. ފެންޓެނޯއީގޭގެ މަތީ ފްލޯއަކުން ވެއްޓުނުއިއިރު އޭނާއާ އެކުގައި ރައުދު އަހުމަދު ޒިލާލް ކިޔާ ފިރިހެނަކު އުޅުނެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު ފަހުން، އެ މައްސަލައިގެ ތަހުގީގަށް ރައުދު އެއްބާރުލުން ނުދޭތީ ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގުމުގެ ކުރިން އެރޭ، މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ވަނީ ޕާޓީކޮށްފައެވެ. ހާދިސާ ހިނގި ވަގުތު ޔުމްނުއާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ. މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ. އަދި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފަ އެވެ.