ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވަނީ. / ސްކްރީން އިމޭޖް
ހަބަރު
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމްގެ ބަންދަށް ތިން ދުވަސް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 މޭ 2025
މާލެ ސިޓީ

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ އިންސާފަށް ގޮވާލައި ޒުވާނުން ކުރަމުން އައި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް މިއަދު ޖަހައިފި އެވެ.

ރޭގެ މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް މިއަދު އިތުރުކޮށްފަ އެވެ.

މިއަދު އޮތް މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ ދެމީހުން 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ. ޝިމަން އާއި މަހުޒޫމްގެ މައްޗަށް ވެސް ފުލުހުން ކުރަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތެވެ. އޭގެއިތުރުން ފުލުހަކަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް މަހުޒޫމްގެ މައްޗަށް ފުލުހުން ކުރެ އެވެ.

ނަމަވެސް އެކަން ސާބިތު ކޮށްދިނުމަށް ފުލުހުން އެއްވެސް ވީޑިއޯ ހެއްކެއް ހުށަހަޅައިފައެއް ނުވެ އެވެ. ހެކީގެ ގޮތުގައި ފުލުހުން ހުށަހެޅީ ހަމައެކަނި ފުލުހުންގެ ބަޔާންތަކެވެ. އެ ދެ މީހުން ބަންދު ކުރަން ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ ފުލުހުންގެ ބަޔާނަށް އެކަނި ބެލުމަށްފަހު އެވެ.

މާލޭގައި ޒުވާނުންތަކެއް އިސްވެ ތިބެ ސިލްސިލާކޮށް މުޒާހަރާކުރަމުން ދަނީ މާލޭގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ވަގުތު އުސް އިމާރާތަކުން ވެއްޓުނު ޒުވާނަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލަ އެވެ.

ޔުމްނު އަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރޭ އޮތް މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފަ އެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved