

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ސްޓޭބަލް ކަމަށާއި ނަމަވެސް އޭނާ އަދިވެސް އޮތީ ޝޮކެއްގެ ތެރޭގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
ޔުމްނުއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހު 26ގަ އެވެ.
އޭނާ މިހާރު ހޭއަރާފައިވާ ކަމަށް، ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން މިރޭ ޕޯސްޓްކޮށް ބުނި ގޮތުގައި، ޔުމްނު އަދި އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގަ އެވެ. ހާލަތު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި އެހެންވިއަސް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފީޑިން ޓިއުބް ވެސް ނަގައި މިހާރު ހިމޫންކޮށްގެން ކާތަކެތި ކެވޭ ކަމަށް ވެސް މުއުމިން ބުންޏެވެ. އަންނަ ބުރާސްފަތި ދުވަހު ވެސް ސާޖަރީއެއް ކުރަން ޖެހިފައިވާ ކަމަށް ވެސް މުއުމިން ބުންޏެވެ. އެއީ އުނަގަނޑާއި ކަނދުރާގެ ބައިތަކުގެ ސާޖަރީއެކެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނި ނަމަވެސް ޒުވާނުން އަންނަނީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ސިލްސިލާ މުޒާހަތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ގޮވާލަމުންދެއެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން ބުދަ ދުވަހު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.