

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވަނިކޮށް އެކްސިޑެންޓުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު، 41 އެވެ.
ފުލުހުން މިއަދު ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާލުން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލައެއްގެ ރިޕޯޓެއް ރޭ 7:26 ހާއިރު ލިބުނު ކަމަށެވެ.
އެވަގުތު އެ ސަރަހައްދަށް ގޮސް ބެލިއިރު، ނަޝާދު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އުޅަނދަކަށް ގެއްލުންވި ކަމެއް ފުލުުހުން ނުބުނެ އެވެ. އެކަމަކު މީހަކަށް އަނިޔާ ނުވާކަން ޔަގީންކޮށްދިނެވެ.