

މިފަހަކަށް އައިސް ހިނގާފައިވާ ގޮތް ނޭނގޭ ބައެއް މަރުތަކާ ގުޅިގެންނާ އަދި ދާދި ފަހުން ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާކުރުމައި ފުލުހުންގެ ފަރާތުން ދޮގު ހަދާ އޮޅުވާލާފައިވާ ކަމަށް ގިނަ ބައެއްގެ ތުހުމަތު އަމާޒުވަމުން ދަނިކޮށް، ފުލުުހުންގެ ހޯމަސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހުގެ މަގާމު ބަދަލުކޮށްފިއެވެ.
ސާމިހު މަގާމުން ވަކިކުރި ކަމަށް އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެން ފުލުހުންގެ މީޑިޔާއާ "ތޭރަ އޮންލައިން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ސާމިހު ފުލުހުންގެ ވަޒީފާއިން ވަކި ނުކުރާ ކަމަށާ ސާމިހުގެ މަގާމު ބަދަލުކޮށް ކުރިން މަސައްކަތްކުރަމުން ދިޔަ ޑިޕާޓުމަންޓު ބަދަލުކުރީ ކަމަށެވެ.
ސާމިހު މި މަގާމުން ވަކިކުރީ، ސާމިހުއާ މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހުންވެސް ފާޅުކުރަމުން ދަނިކޮށްކަން ފާހަގަކޮށްލެެވެއެވެ. އެގޮތުން އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުން އޭނާ ވަކިކުރަން ޔުމްނުގެ އާއިލާއިން ގޮވާލާފައިވެއެވެ، އަދި ނ. ހޮޅުދޫ، މާރަނގަ ޒަކިއްޔާ މޫސާ މަނިކު ނިޔާވެފައިވާ މައްސަލައިގައި ވެސް އެ އާއިލާގެ ނުރުހުންވެސް ފާޅުކޮށްފައިވެއެވެ.