

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފޮށިތަކަކާ އެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ބެލި އިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުވެސް ފުލުހުން ވަނީ ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައެވެ. އެގޮތުން 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓު ސްޓިކެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މިސަރުކާރުގައި ބޮޑުކުރި ފަހުން ވަގަށް ސިނގިރޭޓް އެތެރެކުރުން ވަނީ އިތުރުވެފަ އެވެ.