

ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.
ވާނީގައި ހުންނަ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން އާދިއްތަ ދުވަހުގެ ރޭ ފަތިހު، ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އިތުރު ފަރުވާ ދިނުމަށް އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.
މި އަދާ ހަމައަށް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި އެވެ.
ފުލުހުން ދެންމެ ބުނީ، 34 އަހަރުގެ އެ ޒުވާނާ މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސްގެ ހާލު ދެރަވާން މެދުވެރިވި ސަބަބެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެ އެވެ.