ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) / ޕޮލިސް
ހަބަރު
ރައުދުގެ ބަންދަށް އަނެއްކާ ވެސް އިތުރު ފަސް ދުވަސް ޖަހައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މޭ 2025
މާލެ ސިޓީ

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

އެ މައްސަަލައާ ގުޅިގެން ރައުދު ހައްޔަރުކޮށް އޭޕްރިލް 25 ވަނަ ދުވަހު އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހާފައިވަނީ 5 ދުވަހެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން 10 ދުވަސް ޖެހިއިރު، މިއަދު އޭނާގެ ބަންދަށް އިތުރު 5 ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.

ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފަ އެވެ. އުމުރުން 21 އަހަރުގެ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ އުނދަގޫ ސާޖަރީ ކޮށްފައިވާ ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

އެކޮމިޝަނުން ކުރާ މަސައްކަތުގެ ތަފްސީލެއް މިހާތަނަށް އާންމުންނަށް ހާމަކޮށްފަ އެއް ނުވެއެވެ. އެކޮމިޝަނަށް އިތުބާރު ނުކުރާކަމަށް ޔުމްނު އާއިލާއިން ވަނީ ބުނެފަ އެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved