

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދި އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.
"މައްކާ ރޫޓް އިނިޝިއޭޓިވް" ގައި ރާއްޖެ ހިމެނުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސައޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އިޚުލާޞްތެރި ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އަދި ސަައުދީގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާ އާއި އިންޓީރިއާ މިނިސްޓަރު ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސަޢޫދަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ، 'ސަޢުދީ ވިޝަން 2030" ގައި ހިމެނޭ ކަމެކެވެ. މީގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
ރާއްޖޭގެ ހައްޖާއި އުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާއިން މި ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާން ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ.