
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ހަރުކަށި އިންޒާރުތަކެއް ދެއްވައި، އެ ގައުމުގެ މިނިވަންކަމަށް އަރައިގަންނާނެ ކަމަށް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ، ސަހްޔޫނީންނާއި އެމެރިކާގެ ބާރުގެ ދަށަށް އީރާނުން ތަބާނުވެއްޖެނަމަ، އެމެރިކާގެ އަސްކަރީ ހުރިހާ ގާބިލްކަމެއް ބޭނުންކޮށްގެން އެ ގައުމު ނައްތާލާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް ދެއްވި ބަޔާނުގައި، އީރާނުގެ ސަރުކާރަށް އެމެރިކާގެ ދަށަށްވުމަށް އެއް މަސްދުވަހުގެ މުހުލަތެއް އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މުހުލަތުގައި ދީނީ ރަހްބަރު އާޔަތުﷲ އަލީ ޚާމަނާއީ އެމެރިކާގެ ޑިމާންޑްތަކަށް ދެކޮޅު ހައްދަވައިފިނަމަ، މިސައިލާއި، ޑްރޯން، ފައިޓަރ ޖެޓް އަދި ލޭޒަރ ހަތިޔާރު ބޭނުންކޮށްގެން މުޅި އީރާނަށް ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމުގެ ބިރު ވަނީ ދައްކާފައެވެ.
މި ނުރައްކާތެރި އިންޒާރުތަކަކީ ސަހްޔޫނީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މުސްލިމް ގައުމަކަށް ދެވޭ ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން ސިފައިންނާއި އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.
މިފަދަ އިންޒާރުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަތުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޚާއްސަކޮށް، ސަހްޔޫނީންގެ އަނިޔާވެރިކަމަށް ވާގިވެރިވުމުގެ ގޮތުން އެމެރިކާއިން ކުރަމުންދާ މިފަދަ އަމަލުތަކަކީ މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.










