މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ވިލާ ގޭސް އަތުން 7 ލައްކަ ޑޮލަރުގެ ގޭސް ގަނެފައިވާކަން ހާމަވެއްޖެއެވެ.
އެސްޓީއޯގެ އޮފިޝަލަކު ޗެނަލް 13އަށް މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބުނުގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދާ މި މުޢާމަލާތުގެ ދަށުން، މިހާތަނަށް 400 އަށްވުރެ ގިނަ މެޓްރިކް ޓަނުގެ ގޭސް ވިލާ އަތުން އެސްޓީއޯ އިން ވަނީ ގަނެފައެވެ.
މި މުޢާމަލާތުގެ ޖުމްލަ އަގު ގާތްގަނޑަކަށް 700,000 އެމެރިކާ ޑޮލަރަށް އަރާއިރު، އެސްޓީއޯ އިން ވިލާ އަށް ފައިސާ ދައްކަނީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓުންނެވެ.
މި ނިންމުމަކީ މޯލްޑިވް ގޭހުގެ އަމިއްލަ ޝިޕްމަންޓް ލަސްވުމުގެ ސަބަބުން މާކެޓުގައި އުފެދުނު ހުސްކަން ފިލުވުމަށް އެޅި ފިޔަވަޅެކެވެ. ގޭހުގެ ސަޕްލައިއަށް ބުރޫ އެރުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި މޯލްޑިވް ގޭހުން ވަނީ އާންމުކޮށް ވިއްކާ 10 ކިލޯގެ ސިލިންޑަރުގެ ބަދަލުގައި، 7 ކިލޯއަށް ގޭސް މަދުކޮށްގެން ބަރުކޮށް ވިއްކަން ފަށާފައެވެ.
މީގެ ކުރިން މޯލްޑިވް ގޭހުން ދުބާއީ ކުންފުންޏަކަށް ފޮނުވި 240,000 ޑޮލަރުގެ އެޑްވާންސް ޕޭމަންޓެއް ގެއްލުނު މައްސަލައާ ގުޅިގެން، ގޭސް ގަތުމުގެ މާލީ މުޢާމަލާތްތަކުގެ ކޮންޓްރޯލް އެސްޓީއޯ އިން ވަނީ ސީދާ އެ ކުންފުނީގެ ދަށަށް ގެނެސްފައެވެ.