
އިންޑިއާގެ މެޑިސިން، ނާރސިންގ އަދި އިންޖިނިއަރިންގ ފަދަ މުހިންމު ދާއިރާތަކުން 100،000 އަށްވުރެ ގިނަ ފޭކް ޔުނިވަރސިޓީ ޑިގްރީ ދޫކުރި ބޮޑު ނެޓްވޯކެއް އިންޑިއާގެ ފުލުހުން އަތުލައިގަނެފިއެވެ. "ދަ ހިންދޫ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ނުރައްކާތެރި ޖަރީމާގެ ސަބަބުން އެންމެ ބޮޑު ބިރެއް ކުރިމަތިވެފައިވަނީ ރާއްޖެ ފަދަ، އިންޑިއާގެ މަސައްކަތްތެރިންނަށް ބަރޯސާވެފައިވާ ގައުމުތަކަށެވެ. މިހާރުވެސް މި ފޭކް ސެޓުފިކެޓުތައް ބޭނުންކޮށްގެން ކިތައް މީހުން ވަޒީފާ އަދާކުރަމުންދާކަން ނޭނގޭއިރު، މީގެ ތެރެއިން ބަޔަކު ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ޑޮކްޓަރުންނާއި ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ފަދަ ނުރައްކާތެރި ޚަބަރުތައް ފެންމަތިވަމުންދާއިރު، ރާއްޖެ ގެންނަ މީހުންގެ ސެޓުފިކެޓުތަކުގެ ސައްހަކަން ސަރުކާރުން ކަށަވަރުކުރަނީ ކިހާ މިންވަރަކަށްތޯ ވަނީ ސުވާލު އުފެދިފައެވެ.
މިހާރުގެ ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން، އިންޑިއާއިން އަންނަ މީހުންގެ ފެންވަރު ބެލުމުގައި ލުއިގޮތްތަކެއް ގެންގުޅޭނަމަ، އެއީ ދިވެހި ރައްޔިތުންގެ ފުރާނައަށް ހުރި ނުރައްކަލެކެވެ. ފޭކް ޑިގްރީ ހިފައިގެން އަންނަ "ވަގު" ޑޮކްޓަރުންނާއި ނަރުހުންގެ ސަބަބުން ރާއްޖޭގެ މުޅި ސިއްހީ ނިޒާމު ނުރައްކަލަށް ހުށަހެޅި، ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ބިރު މިއަދު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި މިފަދަ ފުޅާ ދާއިރާއެއްގައި އޮޅުވާލުންތައް އޮތްއިރު، އެ ގައުމުގެ މީހުންނަށް ދިވެހިންގެ ފުރާނައާ ކުޅުމުގެ ފުރުސަތު ދިނުމުގެ ކުރިން، އެމީހުންގެ ލިޔެކިޔުންތަކަކީ ސައްހަ އެއްޗެއްތޯ ޔަގީންކުރުމަކީ މުހިއްމު ކަމެކެވެ.










