

މާލޭގެ އުސް އިމާރާތެއްގެ މަތިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނުން އެ މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްއާ ސުވާލުކޮށްފި އެވެ.
ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ރިޔާސީ ކޮމިޝަނެއް ވަނީ އުފައްދަވާފަ އެވެ.
އެ ކޮމިޝަނުން މިއަދު އެކްސްގައި ލިއުނު ގޮތުގައި، ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން، މި ވަގުތު ފުލުހުންގެ ބަންދުގައި ހުރި ރައުދުއާ ވަނީ ސުވާލުކޮށްފަ އެވެ.
އިތުރު އެއްވެސް ތަފުސީލެއް އެކަމާ ގުޅޭގޮތުން ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ މި މައްސަލައާ ގުޅުންހުރި ތަންތަނަށް ގޮސް, މައްސަލައާ ގުޅުން ހުރި މީހުންނާ ސުވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ. އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރަށް ފަސް ދުވަސް ޖަހައިފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު، ފަސް މެމްބަރުންގެ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވެގެންނެވެ.
އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނީ ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޔުމްނު، އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ރައުދުގެ އިތުރުން އެހެން ބަޔަކު ވެސް ޔުމްނުއާ އެކު އުޅުނު ކަމަށެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.