

ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރިން ފީނަން އުޅުނުު ބައެއްގެ ތެރެއިން މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ އެވެ.
ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައި ބުނީ ނ. އަތޮޅުގައި ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާވެފައިވާ މައްސަލަ އިއްޔެރޭގެ 10:30ހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝަަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އެ މީހާގެ ކަނާތް އުޅަނބޮއްޓާއި ހަމައަށް ބުރިވެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.