

ހ. ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ގެ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ގ. އެރިޔަދޫ، ރައުދު، 21، ފަސް ދުވަހަށް ބަންދު ކުރަން މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ރައުދުގެ ވަކީލް ވިދާޅުވި ގޮތުގައި އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިތުރު 20 ދުވަހަށް ބަންދު ދެމެހެއްޓި އަމުރު ވެސް އިސްތިއުނާފް ކުރާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.
ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.
ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.
ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.