

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯން އެއް އަރުވަން ހުރި ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޭސިއޭޝަން (އެމްޖޭއޭ) ވަނީ ހާމަކޮށްފަ އެވެ.
މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ފުރަތަމަ ނެރުނު ބަޔާނުގައި ފުލުހުން ކުށްވެރިނުކޮށް ނޫސްވެރިންނަށް ވަނީ ނަސޭހަތް ދީފައެވެ. ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކޮށްފައިވަނީ ވަން އޮންލައިންގެ ނޫސްވެރިއެއް ކަމަށްވާ ހަމްދާން އަހުމަދުއަށެވެ.
ފުލުހުން ހަމްދާނަށްއިންޒާރުދީފައިވަނީ، "ނޫސްވެރިންނަށް ވެސް ތިހެން ފުއްޕާފައި ނޫޅެވޭނެ"، "ހޭ އަރުވާލާނެ ކަމަށް"، އަދި "ރިލްވާނަށް ހަދާލި ގޮތް" ހަދާލާނެ ފަދަ ގޮތްގޮތަށް އިންޒާރުތަކެއް ދީފައި ކަމުގައި އިންސިޑެންޓަލް ރިޕޯޓުން ފެންނަކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޑްރޯން އެރުވީ ޓެސްޓު ކުރުމުގެ ބޭނުމަށް ކަމަށާއި ޑްރޯން އެރުވީ ހަތް ފޫޓަށް އުހަށް ކަމަށް ހަމްދާނުގެ ގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި މިއާއިއެކު ޑްރޯން އަރުވަނިކޮށް ދެ ފުލުހަކު އައިސް ޑްރޯން އަރުވަނީތޯ ސުވާލުކޮށް ހުއްދަ ނެތް ނަމަ އެކަން ނުކުރަން އެންގި ކަމަށް ވެސް ހަމްދާން ވަނީ ބުނެފައި އެވެ.
އެމްޖޭއޭއިން ބުނެފައިވަނީ މްދާންގެ ހާލަތު ކައިރިން ބަލައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއް ދީ އެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެ ޖަމްއިއްޔާގެ ފަރާތުން އެކަން ފޯރުކޮށްދޭނެކަމަށެވެ.
ހަމްދާން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަން އަށް ހަމްދާން ގެންގޮސް ފަސް ފުލުހަކު މޫނު މަތީ ތަޅައި އަނިޔާކުރި ކަމަށާއި ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
ފުލުހުންގެ މީޑިއާ ޓީމުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި ތުހުމަތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ބުނެފައިވަނީ ހަމްދާން ހައްޔަރުނުކުރާ ކަމަށާއި އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ދޮރޯން އެރުވުމުގެ ހުއްދަ ދެއްކުމަށް ދެކޮޅު ހަދައި ހުތުރު ބަހުން ވާހަކަ ދެއްކުމުން ކަމަށެވެ.