މިނިސްޓަރ މާރިޔާ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފުގެ ހާޒިރު ގައި ކޭޑީ އެންޓަރޕްރައިސަސް އަށް ހއ. ހުވަހަންދޫ ހަވާލު ކުރައްވަނީ / ފޭސްބުކް
ހަބަރު
އަޑިއަޑިން ޑީލެއް ހަދާ ހއ. ހުވަހަންދޫ ރައީސް މުއިއްޒުގެ ގާތް މީހަކަށް ދިނީ ތަ..؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 މޭ 2025
މާލެ ސިޓީ

އަޑި ނޭގޭ ޑީލެއްގެ ދަށުން ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ކޭޑީ އެންޓަރޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދީފިކަމަަށް ނޫސްތަކުން ރިޕޯޓް ކުރުމުން އެކަމުގެ ކަންބޮޑުވުން ހޯރަފުށީ ކައުންސިލަރަކު ފާޅުކޮށްފި އެވެ

ރާއްޖެ.އެމްވީގައި އިއްޔެ ޝާއިރު ކުރި ލިޔުމެއްގައި ވާގޮތުން ހޯރަފުށީ ފަޅުތެރޭގައި އޮންނަ 48.5 ހެކްޓަރަށް ވުރެ ބޮޑު ހުވަހަންދޫ ދިން ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރހޯލްޑަރުންގެ ގޮތުގައި ތިއްބެވީ އަބްދުލް މަޖީދު މާހިރު އާއި އޭނާގެ ދަރިފުޅު މުހައްމަދު މާހިން މަޖީދު އެވެ.

ރާއްޖެ.އެމްވީ ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް "އިންޓަރގްރޭޓެޑް އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ދަނޑުވެރިކަން ހިންގަން ހުވަހަންދޫ ދޫކުރި އެއްބަސްވުމުގައި ސޮއި ކޮށް ރަށް ހަވާލު ކޮށްދެއްވީ ދަނޑުވެރި ކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ.

ރަށް ހަވާލު ކުރި ކުންފުނީގެ ވެރިފަރާތަކީ ރައީސް މުއިއްޒު އަދި ދިއްދޫ މެމްބަރު ލަތީފް ގެ ކެމްޕޭންގައި ވަރަށް އިސްކޮށް އުޅުއްވި ފަރާތެއް ކަމަށް ދިއްދޫއިން "ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން މީހަކު ބުންނެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓުގައި މި ކުންފުންޏާ ބެހޭ ގޮތުން ޝާއިއު ކޮށްފައިވާ މައުލޫމާތައް ބަލާއިރު މި ކުންފުންޏަކީ މިހާތަނަށް ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަން ހާމަވެ އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ހޯރަފުށީ ކައުންސިލަރު ރައޫފް ޝޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީ ރައްޔިތުންގެ އާދޭހުގައި ކޮޅުފައިންޖަހައި ހއ ހުވަހަންދޫ އަނެއްކާވެސް ދަނޑުވެރިކަމަށް ދޫކޮށްލުމަކީ ސަރުކާރުން މި ރަށު ރައްޔިތުންނަށް ކޮއްލި މަލާމާތެއް ކަމަށެވެ.

އަދި ވިދާޅުވީ ހޯރަފުށީ އިހްތިޞާސްގެ ރަށަކަށް އެ ރަށް ހަދައިދިނުމަށް ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި އާދޭސް ދެންނެވުމުން އެއްވެސް އިޖާބައެއް ނުދީ އަދި އެކަމުގައި އެއްވެސް މަޝްވަރާއެއްވެސް ނެތި އެހެން ބަޔަކަށް އެރަށް ދިނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިކަމުން ދޭހަ ކޮށްދެނީ މިއީ ރައްޔިތުންގެ ފަޅީގައި އޮތް ސަރުކާރެއް ނޫންކަން.. ގާތުފަޅިއަށް ބޮޑުކުރާ ވެރިއެއްކަން

- ހޯރަފުށީ ކައުންސިލަރު ރައޫފް

ހުވަހަންދޫ ކޭޑީ އެންޓަރޕްރައިސަސް އަށް ދިން އިރު އެރަށް ދޫކުރީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކޮން ޓާމްސް ތަކެއްގެ ދަށުން ކަމެއް ވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ހުވަހަންދޫ އިއުލާން ކުރުމެއްނެތި ބަޔަކާއި ހަވާކުރިއިރު ހުވަހަންދޫ ހޯރަފުށީގެ އިހްތިސޯސްގައި ހިމަނައި ދިނުމަށް ހޯރަފުށީ ކައުންސިލުން މީގެ ކުރިން ވަނީ ރައީސް މުއިއްޒު އަރިހުގައި އެދިފައެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަދީފައެއް ނުވެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved