"ބަޚްލޫލު" އަދި "ކައްޒާބަކީ" ބޭއަދަބީ ބަސްތަކެއް ކަމަށް ފުލުހުން ކަނޑައަޅައިފިއެވެ.
ފުލުހުން އެ ގޮތަށް ކަނޑައެޅިކަން ހާމަކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ހއ އަތޮޅުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެ ރަށު ރައްޔިތުން ނިކުމެ މަގުތަކުގައި ދެމި ބެނަރ ތަކުގައި އެ ބަސް ބަސް ބޭނުންކޮށްފައި ހުރުމުން އެ ބެނަރތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހުއެވެ.
އެގޮތުން ރަށަށް ކޮށްދޭން ވައުދުވި ކަންކަމުގެ އެއްވެސް ވައުދެއް ނުފުއްދޭތީ، ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިން އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅު ކުރަން ރޭ ބެނާ ދެމީ އިދިކޮޅު އެމްޑީޕީން އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ.
އިދިކޮޅު މެންބަރުން ރޭ ބެނާތައް ތައްޔާރު ކުރަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެ މަސައްކަތް ކުރަމުންދިޔަ ގެޔަށް ވަދެ އިންޒާރެއް ދީފަ އެވެ. އޭގެ ކުރިން ދުވަހު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އާއި ނައިބު ރައީސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ރައީސް އެ ރަށަށް ވަޑައިގަންނަވާއިރު "ދަތުރަށް ހުރަސް އެޅޭ ގޮތަށް" ޝުއޫރުފާޅު ނުކުރަން އިންޒާރުދީ ދިއްދޫ ކައުންސިލުން ވަނީ އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.
އޭގެ ފަހުން ފުލުހުން ވަނީ ބެނަރތައް ކަނޑާ ފުލުހުންގެ ބެލުމުގެ ދަށަށް އެ ބެނަރތައް ގެންގޮސްފައެވެ. އަދި ބެނަރތައް އަނބުރާ ހޯދުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާގެ އިސްވެރިން ރަށު ފުލުހުންގެ މަރުކަޒަށް ދިއުމުން ފުލުހުން ވަނީ ބެނަރތައް ނެގިކަމަށް އެއްބަސްވެފައެވެ. ސަބަބެއް ކަމަށް ހާމަކޮށްފައިވަނީ ބެނަރތަކުގައި ބޭއަދަބީ ބަސްތަކެއް ހުރުން ކަމަށެވެ.
ބޭއަދަބި ބަސްތަކަކީ ކޮބައިކަމާ މެދު އެމްޑީޕީގެ ދިއްދޫ ދާއިރާގެ އިސްވެރިން ސުވާލުކުރުމުން ރަށުގެ ފުލުހުންގެ މަރުކަޒުގައި އެވަގުތު ތިބި ފުލުހުން ބުނެފައިވަނީ، "ކައްޒާބު" އަދި ބަޚްލޫލު" އަކީ ބޭއަދަބީ ބަސްތަކެއް ކަމަށެވެ.
ނަމަވެސް އެ ބަސްތައް ދިވެހި ބަހުގެ ރަދީފުގައި ބޭއަދަބީ ބަސްތަކެއް ގޮތުގައި ނެތްކަަމާ އެހެންކަމުން ފުލުހުން އެ ބަސްތަކަކީ ބޭއަދަބީ ބަސްތަކެއްގެ ގޮތުގައި ކަނޑައެޅީ ކިހިނެއްކަމާ މެދު ގިނަ ބަޔަކު ގެންދަނި ސުވާލުއުފައްދަމުންނެވެ. ނޫސްވެރިންވެް މި ސުވާލު ފުލުހުންނާ ކުރުމުން ވަކި ޖަވާބެއް ދީފައިނުވެއެވެ.
ކައްޒާބުގެ މާނައަކި ދޮގުހަދާ މީހާ އެވެ. ބަހްލޫލުގެ މާނައަކީ މަކަރުވެރިޔާ، ހީލަތްތެރިޔާއެވެ.
މި ދެ ބެނާރގެ އިތުރުން "ޓާޝަރީ ހޮސްޕިޓަލު ދިމްޔާތު ފުރަގަހަށް" މިހެން ލިޔެފައި ދެމި ބެނާއެއްވެސް ފުލުހުން ވަނީ ނަގާފަ އެވެ. އެ ބެނާވެސް ނެގީ ބޭއަދަބީ ބަހެއް އެކުލެވޭތީ ތޯ އެހުމުން ފުލުހުން ޖަވާބެއް ނުދޭ ކަމަށްވެ އެވެ.
ދިއްދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އަޅައި، ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ހިންގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އޭގެން އެއްވެސް ކަމެއް މިއަހަރުވެސް ކުރުމަށް ރާވާފައި ނުވެ އެވެ.