April 17, 2026
Advertisement
އިންޑޮނޭޝިޔާގެ ރައީސް
އިންޑޮނޭޝިޔާގެ ރައީސް / ސޯޝަލް މީޑިއާ

ސަހްޔޫނީއިން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކޮށްފިނަމަ ގުޅުން ގާއިމްކުރާނަން: އިންޑޮނޭޝިޔާގެ ރައީސް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 28, 2025, 07:51 PM
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފިނަމަ، ސަހްޔޫނީއަކީ ދައުލަތެއް ކަމަށް ގަބޫލުކޮށް ސަހްޔޫނީއާއިއެކީ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށް ތައްޔާރަށް ތިބިކަމުގައި އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ ވިދާޅުވެއްޖެ އެވެ.

Advertisement

އިންޑޮނޭޝިޔާއަކީ ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމެވެ. އިންޑޮނޭޝިޔާއާއި ސަހްޔޫނީއާއި ދެމެދު މިހާރު އެއްވެސް ކަހަލަ ގުޅުމެއް ނޯވެ އެވެ.

އިންޑޮނޭޝިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ފްރާންސްގެ ރައީސް އިމެނުއެލް މެކޯންއާ ޖަކާޓާގައި ބައްދަލު ކުރެއްވުމަށްފަހު ދެ ލީޑަރުން އެކުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ، ސަހްޔޫނީގެ ސަލާމަތަށް ގެރެންޓީއެއް ދޭންޖެހޭ ކަމަށާއި، އެކަން ވާނީ ސަހްޔޫނީންވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްގެން ކަމަށެވެ. މިކަމުގައި އިންޑޮނޭޝިޔާއިން އަޅާ ފިޔަވަޅުތަކަށް ފްރާންސުގެ ތާއީދު ލިބޭނޭ ކަމަށްވެސް، އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވި އެވެ.

މެދުއިރުމަތީގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ސިޔާސީގޮތުން ގެނެވޭ ހައްލެއް ކަމަށާއި، ސަރަހައްދުގައި ސުލްހަ ގާއިމްވާނީ މައްސަލައަށް ސިޔާސީ ހައްލެއް ގެނެވިގެން ކަމުގައި ފްރާންސްގެ ރައީސް މެކޯން ވިދާޅުވެއްޖެ އެވެ.

ކުރިއަށްއޮތް ޖޫންމަހު ފްރާންސުން، ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

މިކަމަކީ ފްރާންސާއި ސަހްޔޫނީން ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހޭނޭ ކަމެއް ކަމަށް ވެއެވެ. އަދި ޔޫރަޕްގައިވެސް ބައިބައިވުން އުފެދިގެންދާނޭ ކަމެއް ކަމަށް ވެއެވެ.

ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން އުޅޭކަމުގެ އަޑުތަކާއި، އެކަމާ ގުޅޭގޮތުން ފްރާންސްގެ ރައީސް ދާދިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން މިހާރުވެސް ސަހްޔޫނީއާއި ފްރާންސްގެ ގުޅުމަށް އޮތީ ބުރޫފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved