އެކްޓިންގ ސީޕީ އިސްމާއިލް ނަވީން / ޕޮލިސް
ހަބަރު
ޕޮލިސް ކޮމިޝަނަރު މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޖޫން 2025
މާލެ ސިޓީ

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމާ ގުޅިގެން ފުލުހުންގެ އިސް ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީންގެ އިތުރުން ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާ ހަވާލުކުރަން ހޯމް މިނިސްޓަރު ނިންމެވި އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved