

ދައުލަތުގެ ބެލުމުގެ ދަށުގައި(ފިޔަވަތީ) ގައި އުޅޭ ކުދިންނާއެކު، ހުޅުމާލޭ ފޭސް 1 ފުލުހުން އީދު ފާހަގަކޮށްފި އެވެ.
އީދު ފާހަގަކުރުމަށް ޓަކައި "ވަރަށް ލޯބިން" ނަމުގައި އިއްޔެ ފުލުހުން ހާއްސަ ހަރަކާތެއް ބާއްވާފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
އެ ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ އެކުދިންނަށް އީދު ހަދިޔާދީ، އެކުދިން ނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރި ކޮށްފަ އެވެ. އަދި މިހަރަކާތުގެ ތެރެއިން ހެޔޮއެދޭ ފަރާތަކުން ވަނީ މެންދުރުގެ ކެއުމެއް ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ފިޔަވަތީގައި ބަލަހައްޓަމުންދާ ހުރިހާ ކުދިންނަށް އެހީ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި 'އަލް އަސްރު'ގެ ފަރާތުން ވެސް އީދު ހަދިޔާގެ އިތުރުން އީދުގެ ކެއުން ހަދިޔާކޮށްފައި ވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ، އެކި އެކި އިދާރާތަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އީދައި ގުޅިގެން އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އީދާއި ގުލީގެން ބޭއްވި މި ހަރަކާތުގައި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ ވެހިކަލަތްތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ފުލުހުން ވަނީ ކުޑަކުދިންނަށްހުޅުވާލައިފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދު ފާހަގަކުރުމުގައި ފުލުހުން ވަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.