

މާލޭގެ މައި މަގު، މަޖީދީމަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަން ފަށައި އެ އުޅަނދުތަކުގެ ވެރިންނާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން އިއްޔެ ވަނީ މަޖީދީ މަގުން 37 ސައިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލެއް ޓޯކޮށްފަ އެވެ.
މިގޮތަށް ޓޯކުރާ އުޅަނދު ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށާއި އުޅަނދު ދުއްވި ފަރާތާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.
މަޖީދީ މަގު 2022 ގައި މަރާމާތު ކުރުމަށްފަހު އެ މަގުގެ ދެ ފަޅީގައި ޕާކް ކުރުން މަނާކުރި އެވެ.
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.
ތޮއްޖެހިފައިވާ މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ.