

ބޭސް ފަރުވާގެ ނަމުގައި އެހީ ހޯދާ ފަރާތް ތަކާއި މެދު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައި ވާގޮތުގައި ބަލި މީހުންގެ ފޮޓޯއާއެކު ފަރުވާއަށް އެހީ ހޯދުމަށް ކޮށްފައި ހުންނަ ސޯޝަލް މީޑީއާ ޕޯސްޓުތަކަށް ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތުތައް ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
ސޯޝަލް މީޑިޔާ ޕްލެޓް ފޯމް ތަކުގައި ގިނައަދަދަކަށް، އެކި ބަލިތަކާ ގުޅިގެން ބޭރަށް ފަރުވާއަށް ދާން އެހީއަށް އެދި ވަރަށް ގިނައިން ލިއުންތައް އާއްމުކޮށް ފައިސާ ޖަމާކުރަން އެކައުންޓް ނަމްބަރު ޖަހާފައި ހުރެ އެވެ. މިގޮތަށް ހުންނަ ޕޯސްޓްތައް ގިނަ ބަޔަކު ޝެއާކޮށް އާއިލާތަކަށް އެހީތެރިވެދެ އެވެ.
ވީއިރު ފުލުހުން އެދެނީ އެފަދަ ޕޯސްޓްތަކާ ގުޅިގެން އެހީވުމުގެ ކުރިން މައުލޫމާތުތައް ކަށަވަރު ކުރުމަށެވެ. އޭގެ ތެރޭގައި ޕޯސްޓް ޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ ނުވަތަ އާއިލާ މީހެއްގެ ސައްހަ އެކައުންޓެއް ތޯ ޔަގީންކުރުމަށާއި، ޕޯސްޓުގައި ދީފައިވާ ނަމްބަރަށް ގުޅައި މައުލޫމާތު ސާފުކުރުމުގެ އިތުރުން ބަލިމީހަށް ދީފައިވާ ޑޮކްޓަރުގެ ލިޔުންތަކާއި ހުށަހަޅާފައިވާ މައުލޫމާތު ދިމާވޭތޯ ބެލުން ކަމުގައެވެ. މީގެ އިތުރުން ސޯޝަލް މީޑިޔާގައި އެ ޕޯސްޓް ޖަހައި ދެނީ އިތުބާރު ހުރި މީހެއްތޯ ޔަޤިން ކުރުން މުހިންމު ކަމުގައި ފުލުހުން ބުނެފައި ވެއެވެ.
ބޭސްފަރުވާއަށް އެހީ ހޯދަން ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓުތައް ބޭނުންކޮށްގެން ސްކޭމް ކުރުމުގެ މައްސަލަތަކަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އެގޮތުން އެކި އެކި މީހުންގެ ލިޔުން ބޭނުންކޮއްގެން އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ސޯޝަލް މީޑިޔާ ގައި މިވަނީ އިތުރުވެފަ އެވެ.