

ރ. އިނގުރައިދޫގައި މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތުގައި އުމުރުން 62 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ/ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް (62އ) އެވެ.
މީނާ ހައްޔަރުކޮއްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމުގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައި ވެއެވެ.
އޭނާ ހުއްޓުވައި ބަލާ ފާސްކޮއްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ހާމަކޮއްފައިވެއެވެ. މި މައްސަލާގައި ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލާ ގުޅިގެން ޢަލީ ޝަރީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.