theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް / ރައްޔިތުންގެ މަޖިލިސް
ހަބަރު
ޖެމްކިއު ސްކީމް ގެ ދިފާއުގައި މެންބަރު އައްބާސް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
18 ޖޫން 2025
މާލެ ސިޓީ

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމުން އެތައްހާސް ދިވެހިން ނަފާ ހޯދާ ކަމަށާއި އެ ބޭނުންކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެބޭފުޅާ މިހެން ވިދާލުވެފައިވަނީ ފުލުހުން އަދި ސީއެމްޑީއޭ އިން މި ސްކީމް އަކީ ޕިރަމިޑް ސްކީމްއެއް ކަމަށް ބުނެ މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެފަދަ ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުހުން ހާމަކޮށްފައި ވާގޮތުގައި މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައި ވާކަމަށާއި، މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށެވެ.

ފުލުހުންގެ މިނިންމުމަށް، ޖެމްކިއު ސްކީމްގައި ބައިވެރިވެފައި ވާ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. މިކަމާއި ގުޅިގެން އާންމުން ބުނަމުންދަނީ އެކަމުން ފުލުހުންނާއި ސިފައިން ވެސް ނަފާ ހޯދަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން މެެންބަރު އައްބާސް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނޭހެން 70،000އެއްހާ ދިވެހިން އެ ސްކީމު ބޭނުންކުރަމުންދަނީ އެކަމުން ވަރަށް ބޮޑު މަންފާއެއް ލިބޭތީ ކަމަށެވެ. އެގޮތުން މަޖިލިސް މެމްބަރުންގެ %70 ބޭފުޅުން ޖެމްކިއު ބޭނުންކުރައްވާ ކަމަށާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބޭނުންކުރައްވާ މީގެ އިތުރުން ސިފައިންނާއި ޕޮލިހުންގެ %80 ބޭފުޅުން ޖެމްކިއު ބޭނުންކުރައްވާ ކަމަށެވެ.

ޖެމްކިއު އަކީ މިދިޔަ އަހަރުން ފެށިގެން ދިވެހިން ބޭނުން ކުރަމުން އަންނަ ސްކީމަކަށް ވާއިރު މިހާތަނަށް އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެޕޯސްޓްގައި ވަނީ، އެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ޖެމްކިއުއަށް އިންވެސްޓު ކުރެއްވި ކޮންމެ މީހަކަށް ވެސް މިއަދާ ހަމައަށް ހާހުން، ލައްކައިން، މިލިއަނުން ފައިދާވާ ކަމީ އެ ބޭނުންކުރައްވާ އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއް ނޫން ކަމަށެވެ.

ޖެމްކިއުގެ ސަބަބުން އެ ބޭނުންކުރާ މީހުންނަށް ބޮޑު ތަނުން ފައިދާވެ ކަންމަތީ ފިހާރަ ތަކުގެ ދަރަނިތަކާއި ލުއި ލޯނުތައް ދައްކާ ލެވޭ ކަމަށާއި އެކަމުން އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑު ތަނުން ރަނގަޅު ވަމުންދާކަން ގަބޫލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެމްކިއު ބޭނުންކުރުމުގެ ފުރުސަތު ދޭންޖެހެނީ މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުންނާއި ރައްޔިތުންގެ ހާލަތު ހުރި ގޮތުން ކަމުގައި އައްބާސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved