

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ ބަޔަކު އިންވެސްޓް ކުރަމުން ދަނިކޮށް، އެ އިން ފައިސާ ނެގުން މެދުކެނޑިފައިވާ ކަމަށް ބުނެ، އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ރާއްޖޭގައި މި ސްކީމް ބޭނުންކުރަމުން ދާތާ މިހާރު އަހަރެންހާ ދުވަސް ވެފައި ވާއިރު މިދިޔައާދިއްތަ ދުވަހު ފުލުހުން ވަނީ މިކަމް މަނާކޮށް މިސްކީމް ގައި ބައިވެރިވާ ފަރާތް ތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
ފުލުހުން މިހެން ބުނެފައި ވަނީ މި ސްކީމްމެ ދުވެރި ކޮށް ގިނަ އަދަދެއްގެ ބަޔަކު އިންވެސްޓްކޮށް ފައިދާ ނަގާފައި ވަނިކޮށެވެ. އަދި މިސްކީމުގައި ގިނައަދަދެއްގެ ފުލުހުންނާއި ސިފައިން ބައިވެރިވާ ކަމުގެ ތުހުމަތު އައިސް ފައި ވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބޭގޮތުގައި ރާއްޖޭގައި އެ ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި މުއާމަލާތު ކުރުމަށް ބޭނުްނކުރަނީ ޓެލެގްރާމް ގްރޫޕެކެވެ. އެ ގްރޫޕުގައި ގާތްގަނޑަކަށް 41،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ބޭނުންކުރާ މީހުންގެ އަދަދު 50،000 އިން މައްޗަށް އަރާނެ ކަމަށް އޭގައި އުޅޭ ދިވެހިން ބުނެ އެވެ.
ޓެލެގްރާމުގައި ހިންގަމުން އަންނަ ޖެމްކިޔުގެ ގްރޫޕުގައި އެ ސްކީމަށް އިންވެސްޓް ކުރަމުންދާ މީހުން ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ކަމަށް ބުނަމުންނެވެ.
ފައިސާ ނުނެގޭ މައްސަލާގައި މީހުން ރުޅިގަދަވުމުން، ގިނަމީހުންތަކެއް ދަނީ ޖެމްކިޔުއަށް އިތުބާރު ކުރުމަށް އެދެމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.