

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.
ޒައިދާންއަކީ މީގެ ކުރިންވެސް ސްކޭމް މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ޒައިދާން، މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނައިރު، އޭނަގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.
މާލޭގެ އެއް ފިހާރައަކަށް ޒައިދާން 31،150ރ. ގެ ފޭކްސ ސްލިޕެއް ފޮނުވާފައިވާއިރު، އަނެއް ފިހާރައަށް 5،817ރ. ގެ ފޭކް ސިލިޕެއް ފޮނުވި އެވެ. އަދި ހުޅުމާލޭގައި ހުންނަ ފިހާރައަކަށް އޭނާ ވަނީ 36،467ރ. ގެ ފޭކް ސްލިޕެއް ފޮނުވައިފަ އެވެ.
މި މައްސަލައިގައި ޒައިދާންގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ އަފްރިން އަކްތަރު، 30 ވެސް ހައްޔަރު ކޮށްފައިވެ އެވެ. ނަމަވެސް އޭނާ އާއި މި މައްސަލައާ ގުޅެނީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި އެއީ ޒައިދާންގެ އަންހެނުންނެވެ.