

މަހައްޗަންގޮޅީ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެއެވެ.
މާލޭ މަހައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ، ރޭ ފަތިހު 4:00 ހާއިރު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ވެއްޓުނު އަންހެން މީހާގެ ދެ ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާ، މިގޮތުން، ދެ ފައިގެ ކުޑަ ހުޅު ނެއްޓި، "އޯޕަން ފްރެކްޗާ" އެއް ވެފައި ވާ ކަމަށެވެ.
މި ހާދިސާގައި ވެއްޓުނު އަންހެން މީހާ އަށް އައިޖީއެމްއެޗްގައި މިވަގުތު ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިހާތަނާށް އެއަންހެން މީހާއާއި ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާދިސާ ދިމާވާން މެދުވެރިވި ސަބަބެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ ތަހުގީގު ތަކެއް ފަށާފައެވެ.