

ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ)ގެ އޮފީހުން މިއަދު ވައްކަން ކޮށްފިއެވެ
މައުލޫމާތު ލިބިފައި ވާގޮތުގައި އެއޮފީހުން ވައްކަން ކޮށްފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 08:56 ހާއިރު ކަމަށެވެ.
ފުލުހުން މިހާތަނަށް ބެލި ބެލުމުން އެންގިފައި ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ތަކެތި ވަގަށް ނަގައިފައި ވާކަމަށެވެ.
އޮފީހަށް ވަގަށް ވަދެ ވަގަށް ނަގާފައިވަނީ ޑެލް އިންސްޕިރޯން 15 އިންޗީގެ ލެޕްޓޮޕަކާއި، ލެނޯވޯ ބްރޭންޑްގެ 4 ޓެބްލެޓާއި، 2 ހާޑް ޑިސްކާއި، ސެމްސަންގް ފޯނެއްގެ އިތުރުން އެހެނިހެން ތަކެތިވެސް ނަގައި ފާވާކަމަށް އެމްބީބީއޭއިން ހާމަކޮށްފައި ވެއެވެ.
އެމްބީބީއޭގެ އެދުމަކީ، އެ ތަކެތި ވިއްކުމަށް މަސައްކަތްކޮށްފާނެތީ، ވީހާވެސް ގިނަ ބަޔަކު އެކަމަށް ސަމާލުވުމަށާއި އެކަމުގެ މައުލޫމާތެއް ލިބިފައި ވާނަމަ ލަސްނުކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.