

އއ. އުކުޅަހު ސްކޫލުގައި ދަރިވަރަކަށް އަނިޔާކުރި މައްސަލަ ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ބުލީގެ ޝިކާރައަކަށްވީ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ވަނީ އޭނާގެ ދަރިފުޅަށް ސްކޫލުގައި ދިމާވި ކަންތައް ހިއްސާކޮށް ޕޯސްޓެއް ލިޔެފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ ދަރިފުޅަށް ސްކޫލުގައި އަނިޔާކޮށް ބުލީކޮށްފައިވާ ކަމަށް ބުނެ ފޯނު ކޯލެއް ލިބުމާ އެކު ސްކޫލަށް ދިޔަ ކަމަށެވެ.
އޭރު ގޮސް ބެލި އިރު ދަރިފުޅުގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅައި، ލޭ އައިސްފައި ހުރި މަންޒަރު ފެންނަ ފޮޓޯ ކުއްޖާގެ ބައްޕަ ވަނީ ސޯޝަލް މީޑިއާގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން އިދާރާތައް ޓެގްކޮށް، މައްސަލަ އެތަންތަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ މިހާރު އެތަނުން ބަލަމުންދާ ކަމަށެވެ. ބައެއް މަދަރަސުސާ ތަކުގައި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތއް މަދުން ނަމަވެސް ރާއްޖޭގައި ރިޕޯޓް ކުރެއެވެ. ބައެއް ފަހަރު ޓީޗަރުން ދަރިވަރުންނަށް އަނިޔާ ކުރާ މައްސަލަތައް ވެސް އަޑުއިވެ އެވެ.