

ޗެކްޕޮއިންޓަކަށް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް އަބްދުﷲ (18 އ) އެވެ.
ފުލުހުން ބުނި ގޮތުގައި ޓްރެފިކް ޕޮއިންޓަކުން ސައިކަލެއް ހުއްޓުވަން އުޅުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ކަމަށެވެ. އެކަން ހިނގީ މިރޭ 20:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓްގަ އެވެ.
އެގޮތަށް ބާރަށް ސައިކަލްގައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ. އެ ފުލުސް މީހާއަށް ވަނީ އަނިޔާވެފަ އެވެ.
ޔޫނުސްގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.