

މާލޭ ގެއަކުން އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހޯދާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއިލް ސާއިފް (39އ) އެވެ.
މައްޗަންގޮޅި ގެއެއްގެ ތިޖޫރީއެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރޭގެ ވަގުތެއްގައި ހުށަހަޅާފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެން ކަމުން މައްސަލައާ ގުޅިގެން ތަހުގީގުކޮށް ސީސީޓީވީ ފޫޓޭޖު ބަލައި ދެނެގަނެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވަނީ މިއަދު 11:05 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވަނީ މާވެޔޮމަގުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ތީޖޫރީން ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.