

މިދިޔަ އާދިއްތަ ދުވަހު މާލޭގެ ގެއަކަށް ބަޔަކު ވަގަށް ވަދެ، އެ ގޭގައި ހުރި އަގުބޮޑެތި ސާމަނުތަކެއް ވަގަށް ނަގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަންކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައި ހުންނެވި އަލީ ހާލިދުގެ ގެއިންނެވެ. ވައްކަން ކުރި މީހުން ހޯދަން އާންމުންގެ އެހީއަށް އޭނާ ވަނީ އެދިފައެވެ.
ތިން މީހުންގެ ގުރޫޕަކުން އެ ގެއަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް އާންމުކޮށް އަލީ ބުނީ އޭނާގެ ގެއަށް ވަގުން ވަދެފައި ވަނީ އާދިއްތަ ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ ހެނދުނު 06:13 ހާއިރު ދެމީހަކު އެގެއަށް ވަނީ ފެންލައިޓެއް ހަލާކުކޮށްލައިގެން ކަމަށެވެ. މި ފެންލައިޓު އެމީހުން ހޯދީ އެގެއާ ޖެހިގެން ހުރި މއ. ބަބުލަވާލިގައި ހުރި ކޮންސްޓްރަކްޝަން ސައިޓަކުން ކަން ފާހަގަކުރައްވައިފައި ވެއެވެ. މީގެ އިތުރުން އެމީހުން އެގޭތެރޭގައި 20ވަރަކަށް މިނިޓު ހޭދަކުރިކަމަށާއި އެ މީހުން ވަނީ އެގެއިން އަގުބޮޑެތި ސާމާނުތަކެއް ވަގަށް ނަގައިފައި ކަމަށް ވެސް އަލީ ބުނެފައިވެއެވެ
އަލީ ބުނި ގޮތުގައި އޭނާގެ ގެއިން 40،000 ރުފިޔާގެ ސާމާނު ވަނީ ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި އައިފޯނަކާއި ދެ ލެޕްޓޮޕާއި ޓެބްލެޓަކާއި އައިނުގެ އިތުރުން ސެންޓް ވެސް ހިމެނެއެވެ. އެ ތަކެތި ދަބަހަކަށް އަޅައިގެން ވަގުން ނިކުމެފައި ވާކަމަށް ސީސީ ޓީވީ ފުޓޭޖުން ފެންނަކަމަށެވެ.
އެހެން ކަމުން އެކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި އަލީ ބަނޫ ބުނެފައެވެ. އޭނާ ބުނި ގޮތުގަިއ އެ ވައްކަމަކީ ވަރަށް ރޭވިގެން ކޮއްފައި ވާ ކަމެއް ކަމަށެވެ. އެ މީހުން ތިބީ ފިންގަޕްރިންޓް ވެސް ނާރާނެ ގޮތަށް އަތަށް އަންގި ލައްވައިގެންނެވެ.
މި މީހުންނަކީ ކުށުގެ ވެށީގަައި އުޅޭ އެކި ކަހަލަ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށް އެނގިފައިވާ ކަމަށް ވެސް އަލީ ބުނެފައި ވެއެވެ.