

މިމަހު 12 ވަނަދުވަހުގެ ރޭދަންވަރު އއ. މާޅޮހުން ރަހުމްކުޑަ ގޮތެއްގައި މަރާލައިފައިވާ، އެ ރަށު އޯކިޑްމާގެ އަބްދުއްރަހުމާން އާދަމްގެ 65އގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އޮޓޮޕްސީ ހެދުމަށްޓަކައި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޖުލައި 21 ވަނަ ދުވަހު އިންޑިއާގެ ޓްރިވިންޑްރަމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އަބްދުއްރަހްމާން އޭނާގެ ގޭގެ ނިދާ ކޮޓަރީގައި ނިދާފައި އޮއްވާ ބަޔަކު ވަދެ ބޮޑެތި ހަަމަލާތަކެއްދީފައެވެ.
އޭނާގެ އެޒަހަމްތަކާއި އެކު އެންމެ ފުރަތަމަ ފެނިފައި ވަނީ އޭނާގެ އަންއެމުންނަށެވެ، އޭގެ ފަހުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެ ރަށުގެ ބައެއް މީހުން އެގެއަށް ވަދެފައި ވެއެވެ. އަބްދުރަހްމާން އަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް އެރޭ ފަތިހު އޭނާ ވަނީ ނިޔާވެފައެވެ.