

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުން އަންނަ މަގުމަތީގެ ނުރައްކާތެރި ހާދިސާތަކާއި ގުޅިގެން އާންމުން ހޭލުންތެރިކުރުވުމަށް ފުލުހުން ޚާއްސަ ހަރަކާތެއް ހިންގައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ އިދާރާއިން މިއަދު ފެށި މި ހަރަކާތުގައި ހެނދުނުގެ އެންމެ ބާރު ބޮޑު ވަގުތުގައި ފުލުހުން ވަނީ ދެވަނަ ފިޔަވަހީގެ އެކި އެކި ސަރަހައްދު ތަކުގައި ބޯޑުތައް ހިފައިގެން ތިބެ ވަރުގަދަ މެސެޖެއް އާއްމުންނަށް ދީފައެވެ.
ފުލުހުން އިސްވެ މިފަދަ ހަރަކާތެއް ފަށާފައިވާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މާލޭގައި 911 އެކްސިޑެންޓް ހިނގާފައިވާއިރު ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގަޑީގައެވެ. އެގޮތުން ދުވާލުގަޑީގައި 745 އެކްސިޑެންޓް ހިނގިއިރު، ރޭގަނޑު ވަނީ 356 އެކްސިޑެންޓް ހިނގާފައެވެ. މި އެކްސިޑެންޓްތަކުގައި ގިނަ ފުރާނަތަކެއް ވަކިވެގެން ގޮސްފައިވާކަންވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، މަގުމައްޗަށް ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަ ކަމަށް އަބަދުވެސް ވިސްނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވަގުތުގެ ބޭނުން ހިފައި ކުރިއާލައި ތައްޔާރުވެ ނުކުތުމަށްވެސް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ.
"ލަސްވިއަސް ފުރާން މުހިއްމު" މި ޝިއާރުގެ ދަށުން އެންމެންވެސް މަގުމައްޗަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ.