
އުމުރަށް ޖަލަށް ލާފައި ހުރި ޤާތިލަކު، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މެދުވެރިކޮށް ޖަލުން ނެރެން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މީސް މީޑީޔާ ޕްލެޓު ފޯމު، އެކްސްގައި ވިސްލް ބްލޯ ކުރާ އެކައުންޓު " ހަސަން ކުރުސީ" ގައި ބުނެފައިވާ ގޮތުގައި، 2012 ވަނަ އަހަރު ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލިކަމަށް ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައި ހުރި މުހައްމަދު މާހިން ޝަފީ ޖަލުން ސަލާމަތް ކުރުމަށް އޭނާގެ މަންމަ، އައިޝަތު މަމްދޫހާ ދަނީ ނާޒިމުއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
އެގޮތުން ނާޒިމްއަށް 500,000 ދިވެހ ރުފިޔާވެސް އެކަމަށްޓަކައި ދީފައިވާނެ ކަމަށް މަމްދޫހާ އެކި މީހުން ގާތު ބުނެފައިވާ ކަމަށްވެސް ވެއެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މާހިން ޖަލުން ސަލާމަތްވާނެ ކަމަށް ލަފާކުރަނީ މި އަންނަ އަހަރުގެ މާރިޗު ހިސާބުގައެވެ.
މާހިންގެ މައްޗަށް ބޮބީ މަރާލިކަމަށް ކުށް ސާބިތުވިއިރު އޭނާއަކީ ކުޑަކުއްޖެއްގެ ގޮތުގައި ހުރި ކުއްޖެކެވެ.










