
ރައްޔިތުންގެ މަޖިލީހުގެ ނަިއބު ރައީށްކަމުން ދިއްގަރު ދާއިރާގެ މްމެބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ބާއްވާ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.
ނާޒިމް ވެސް އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ، ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އެގޮތުން މި މަހުގެ 14 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައިގައި ވަނީ، ނާޒިމްގެ މައްޗަށް ބޮޑު 3 ތުހުމަތެއް އަމާޒުކޮށްފައެވެ. 73 ތިން މެމްބަރުންގެ ސޮޔާއެކު ޕީއެންސީއިން ހުށަހެޅި އެ ތިން ތުހުމަތުގެ ތެރޭގައި ހިމެނެނީ، މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތެވެ.
ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، މަޖިލީހުގެ މެމްބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
14 ވަނަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް 14 ދުވަހުގެ ނޯޓިސްއެއް ނާޒިމްއަށް ދީފައިވާއިރު، މިދިޔަ ހަފްތާގައި ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް 1 ގަޑިއިރުގެ ވަގުތެއް ވަނީ ކަނޑައަޅާފައިވެއެވެ. އެއީ ނާޒިމަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު އަދި މެންބަރުން ވާހަކަ ދެއްކެވުމަށް 50 މިނެޓެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި މި ފަދަ ގަރާރަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އެގޮތުންމ ނާޒިމަށް ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވާނީ ހުކުރު ދުވަހަށެވެ.
އޭގެ ފަހުން އެންމެ އަވަހަށް ދެން އަންނަ ރަސްމީ ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށްވާއިރު، މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހު 14ގައި ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ވަނީ ދިގު ދަންމާލައިފައެވެ.
މަޖިލީހުގެ އިދާރާއިން މިދިޔަ ހަފްތާ ނިމުމުގެ ކުރިން މެންބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ތާވަލު ކުރާނެ އެވެ. އަދި އެ ޖަލްސާގެ އެޖެންޑާގައި އޮންނަނީ ގަވައިދުގައިވާ ގޮތުގެ މަތިން ނާޒިމް ވަކިކުރުމުގެ މައްސަލަ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި އާންމު ކޮމިޓީން ބަހުސަށް ކަނޑައެޅި ވަގުތުތައް ވެސް އެ ސިޓީގައި ހިމަނާފައިވެ އެވެ.
މަޖިލިސް ގަވައިދުގައިވާ ގޮތުން، ނާޒިމް ވަކިވާނީ، މި ގަރާރުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތު ވޯޓުން އެ ގަރާރު ފާސް ކުރުމަށް ލިބިގެންނެވެ. އަދި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ރައީސްއެވެ.
އާދިއްތަ ދުވަހު ޖަލްސާ އޮންނާނެތީވެ، އެ ދުވަހު މާލޭގައި ތިބުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު ވަނީ އަންގާފައެވެ.










