May 31, 2026
Advertisement
މަޖިލިސް ނައިބު ރައީސް ކަމުން ނާޒިމް އިސްތިއުފާދީފި
މަޖިލިސް ނައިބު ރައީސް ކަމުން ނާޒިމް އިސްތިއުފާދީފި / ސޯޝަލް މީޑިއާ
ކުއްލި ހަބަރު

މަޖިލިސް ނައިބު ރައީސް ކަމުން ނާޒިމް އިސްތިއުފާދީފި

May 31, 2026, 09:59 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިސްތިއުފާދީފިއެވެ.

Advertisement

ނާޒިމް އެމަގާމުން އިސްތިއިފާދީފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ މަގާމުން ވަކިކުރަން މިއަދު ޖަލްސާއެއް އެޖެންޑާކޮށްފައިވަނިކޮށެވެ.

މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާޢިދަށް އަބަދުވެސް އިޙްތިރާމް ކުރައްވާފައިވާނެ ކަމަށެވެ. ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ރަސްމީކޮށް މެންބަރުންނަށް އަންގަވާފައެވެ.

ނާޒިމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމީ ޕާލިމަންޓްރީ ގުރޫޕުން އޭނާއަށް އިސްތިއުފާ ދޭން ކުރިން އެނގުމުން އެކަމަށް އިންކާރު ކުރުމުންނެވެ.

ވެރިކަން ކުރާ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލާގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ނާޒިމް ވަނީ މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ވެސް ވަކިކޮށްފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަލަހައްޓަވާ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ މި ދައުރު މޭ މަހުގެ ނިޔަލަށް އޮތީ އިތުރުކޮށްފައެވެ. މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ މި މައްސަލާގައި ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ފުރުޞަތެއް ދިނުމަށާއި، މުޅި ބަހުސަށް އެއް ގަޑިއިރު ކަނޑައެޅުމަށެވެ. ނަމަވެސް ބަހުސް ފެށުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ވަނީ އެ މައްސަލަ ނިމުމަކަށް އައިސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved