June 1, 2026
Advertisement
މަޖިލީހުގެ ނައިބަކު ހޮވަން ހޯމަ ދުވަހު ޖަލްސާ ބާއްވަން ނިންމައިފި
މަޖިލީހުގެ ނައިބަކު ހޮވަން ހޯމަ ދުވަހު ޖަލްސާ ބާއްވަން ނިންމައިފި / -

މަޖިލީހުގެ ނައިބަކު ހޮވަން ހޯމަ ދުވަހު ޖަލްސާ ބާއްވަން ނިންމައިފި

May 31, 2026, 04:26 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމުން އާ ނައިބު ރައީސަކު އިންތިހާބު ކުރަން ބާއްވާ ޖަލްސާ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

Advertisement

މިގޮތަށް މަޖިލީހުން ނިންމީ، މެންދުރުފަހު 1:00 އަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކުރުމަށް ފަހުއެވެ. ނަމަވެސް މިއަދަށް ތާވަލުކުރި ޖަލްސާ ކުއްލި ގޮތަކަށް ފަސްކުރި ސީދާ ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު އެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

 ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަންގަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރައްވާފައިވާ ކަމުގެ ތުހުމަތުވެސް އެ ގަރާރުގައި ކޮށްފައިވެއެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް، އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ނާޒިމް އޭނާ މަގާމުން ދުރަށް ވަޑައިގަތީ މަޖިލީހުގެ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved