ކަންކަން ހިނގާފައި ހުރިގޮތަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފް މައްސަލަ ލަސްކުރަނީ އިންތިހާބުތަކާ ދިމާކޮށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.
ޝަމީމް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީންގެ މައްސަލަ ލަސްވާކަމަށް ބުނާ ބުނުމައި ގަބޫލް ކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށާއި މިހާތަނަށް ފެންނަން ހުރީ މި ގޮތަށް ކަން ހިނގާ މަންޒަރު ކަމަށެެވެ.
އެގޮތުން ދަށު ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިޔައީ ވަރަށް ބާރު ސުޕީޑެއްގައި ކަމަށާއި އެހެންނަމަވެސް ރިޔާސީ އިންތިހާބު ނިމުމާއެކު މައްސަލަ ލަސްވެ އަދި އަދަށްވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ލިބިފައި ނުވާ ކަމަށެވެ.
މި ދެކެވޭ ވާހަކަ އިންތިހާބުތަކާ ދިމާކޮށް ރައީސް ޔާމީން ގެ މައްސަލަތައް ލަސްވާ ކަމަށް އެބުނާ ބުނުމުގަ ކޮންމެސް ކަަހަލަ ގަބޫލް ކުރެވޭ ކަހަލަ ކަންތައްތަކެއް އެބަހުރި. މިހާތަނަށް ފެންނަން ހުރީ މި ދެންނެވި ގޮތަށް އެކަން އެގޮތަށް ހިނގާކަން.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ އެހެން މައްސަލަތައް ހައިކޯޓުން ގެންދިޔައީ ވަރަށް ތަފާތުކޮށް ކަމަށެވެ.
މީގެ ކުރިންވެސް ރައީސް ޔާމީން ގެ މައްސަލަ އަވަސް ކޮށް ގެންދިޔަ ފަދައިން މިހާރުވެސް ރައީސް ޔާމީންގެ މައްސަލަ އަވަސް ކޮށް ގެންދެވެން ވާނެ ކަމަށާއި އެޔަކަށް އިތުރު އުޒުރެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރާކަމަށް ޝަމީމް ވަނީ ވިދާޅުވެފައެެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ އިސްތިއުނާފް މައްސަަލަ އަވަސް ކުރުމަށް މަސައްކަތް ކުރާކަމަށާއި އެކަމާ ގުޅިގެން ހައި ކޯޓާވެސް ސުވާކު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަމަށް އެންމެ އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
އިންތިހާބުތައް ކުރިމަތިވެގެން އަންނަ އިރު ރައީސް ޔާމީން ހަރާން ހުކުމެއްގައި ބަންދުގައި ހުރުމުން ވަރަށް ކަންބޮޑުވާ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.