

ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނު ވަގުތެއްގައެވެ.
އަދި ޒަހަމްވި މީހާ މަރުވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
މި މައްސަލައިގައި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މިހާދިސާގައި މަރުވެފައިވަނީ ދިވެއްސަކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 އެހާކަންހާއިރު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިހަމަލާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި ހާދިސާގައި ނިޔާވެފައިވަނީ ލ. މާވަށް/ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.