

ބާރުގަދަ ތޫފާން "ކަޖިކީ" ވިއެޓްނާމަށް އަރަން އުޅޭތީ އެ ގައުމުގެ ސްކޫލްތަކާއި ވައިގެ ބަނދަރުތައް ބަންދުކޮށް، އެތައް ހާސް ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް އެގައުމުގައ ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ވިއެޓްނާމްގެ ގައުމީ މޫސުމާބެހޭ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަޖިކީ ތޫފާން އާދިއްތަ ދުވަހު ޗައިނާގެ ދެކުނުގެ ހައިނަން އަށް އެރުމަށްފަހު، ރޭގަނޑު ޓޮންކިން ކަނޑުގެ އަތޮޅާ ދިމާއަށް ދަތުރުކޮށްފައި ވަނީ ގަޑިއަކު 166 ކިލޯމީޓަރު (103 މޭލު) ބާރު މިނުގައެވެ.
މި ތޫފާނާއި ގުޅިގެން އެ ގައުމުގެ އިރުއުތުރުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކަނޑުގަދަވެ ރާޅު އަރާފާނެ ކަމުގެ ނުރައްކާ އޮތްކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މިއަދު ހެނދުނާ ހަމައަށް 40,000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި ތޫފާނުގެ އަސަރުކުރާނެ ކަމަށް ލަފާކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ ހެނދުނު 11:00 އިން ހަވީރު 6:00 އާ ދެމެދު ގޭއިން ބޭރަށް ނުނިކުތުމަށް އަންގައިފައި ކަމަށް ވިއެޓްނާމްގެ ރަސްމީ ނިއުސް އެޖެންސީ (ވީ.އެން.އޭ) އިން ރިޕޯޓުކޮށްފައިވެއެވެ.
ސަރުކާރުގެ އޮތޯރިޓީން ވަނީ ކުއްލި ހާލަތުގެ ފިޔަވަޅުތައް އަޅައި، ގާތްގަނޑަކަށް 587,000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ސަލާމަތީ މަސައްކަތަށް 300,000 އަށް ވުރެ ގިނަ ސިފައިން ވަނީ ތައްޔާރުކޮށްފައެވެ.