

ހުޅުމާލޭގައި ދުއްވަމުން ދިޔަ ޕިކަޕެއް ބަލައި ފާސްކުރުމަށްފަހު 14 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، އަލީމަނިކު (57 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 1 ބޯގަންވިލާ މަގުން ދުއްވަމުންދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރުމުން 14 ފުޅި ބަނގުރާ ފެނިފައިވެއެވެ. މީގެއިތުރުން ޕިކަޕް ދުއްވަން އިން ފަރާތުގެ އަންނައުނު ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއްވެސް ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.